މަތިވެރި މާތްﷲ ގެ ޙަޟްރަތަށް ޙަމްދާއި ސަނާ ދަންނަވަމުން އަކަލާންގެ ހަޟުރަތުން ވަތަގާއި މަދަދަށް އެދެމުން މި އުންމަތުގެ މާތް ނަބިއްޔާއަށާއި އެކަލޭގެފާނުގެ އާލުބަިއތުންނާއި ޟަޙާބީންނަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ ދަންނަވެމެވެ.

މިއީ މަގޭ ރާއްޖެ މެނިފެސްޓޯއަކީ ރައީސް ޢަބްދުﷲ ޔާމީނުގެ ސިޔާސަތުތަކާއި ވިސްނުންފުޅުތަކުގެ މައްޗަށް ބިނާކޮށްފައިވާ ތަރައްޤީއާއި ކުރިއެރުމުގެ އައު ތަޞައްވުރެކެވެ. މިތަޞައްވުރެގެ ނާރެހަކީ އިސްލާމްދީނެވެ. އެތަޞައްވުރުގެ އަސާސަކީ ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލެވެ. އިސްލާމްދީނުގެ ވަށައިގެން އަތުރާލެވިފައިވަނީ ދިވެހިންގެ ދިރިއުޅުމުގެ ރިވެތި އަޚުލާޤާއި ވައްޓަފާޅިއެވެ. ދިވެހި ރަށްތަކުގެ ޞުލްޙަމަސަލަސްކަމާއި އަމާންކަމެވެ. އުފަލާއެކު ހަމަޖެހިގެން އެކުލެވި ލާމެހިގެން ދިވެހިން ދިރިއުޅޭ ސާދާ ދިރިއުޅުމެވެ. ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލުގެ މައްޗަށް ބިނާވެފައިވަނީ ދިވެހިންގެ ފުދުންތެރިކަމެވެ. ޤައުމާއި ރަށާއި އަތޮޅާއި ސިޓީތަކުގައި ހުރި ވަސީލަތްތަކުގެ ބޭނުން ހިފައިގެން ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށް، ޒަރޫރީ ބޭނުންތަކާއި އަސާސީ ޙައްޤުތައް ކޮންމެ ރައްޔިތަކަށްވެސް ކަށަވަރުކޮށްދިނުމެވެ. ވިޔަފާރިތަކަށް ފަހި މާހައުލެއް އުފައްދައިދިނުމާއެކު، ރަށުގެ އިޤުތިޞާދުގެ ތެރެއިން ރަށު ރައްޔިތުންގެ މާލިއްޔާގެ ތަނަވަސްކަން އިތުރުކޮށް އެމާލިއްޔާއިން ރަށު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމެވެ.

ޕީޕީއެމްގެ މައިގަނޑު ސިޔާސަތުތައް ބިނާކޮށްފައިވަނީ ފަސް ދާއިރާއަކަށެވެ. އެފަސް ދާއިރާއިން ޕީޕީއެމްގެ ކައުންސިލްތަކުން މަސައްކަތްކުރާނީ މިތަޞައްވުރުގައި ބަޔާންކޮށްފައިވާ އުޞޫލުތަކާއި ހަމަތަކުގެ މަތިން، ކޮންމެ ސިޓީއަކާއި އަތޮޅަކާއި ރަށެއްގެ ޚާއްޞަ ޙާލަތާއި ޠަބީޢަތަށް ރިޢާޔަތްކުރަމުންނެވެ. ރަށުގެ އާބާދީއާއި، ސަގާފަތާއި، ދިރިއުޅުމުގެ ވައްޓަފާޅިއާއި، ރަށުން ލިބެންހުރި އިޤުތިޞާދީ ވަސީލަތްތަކުގެ މައްޗަށް ދާއިރާގެ ތަޞައްވަރު އެކުލަވައިލާނީ ރަށު ރައްޔިތުންނާއި ކައުންސިލުތަކުންނެވެ. ރަށު ތަޞައްވުރު ބިނާވާނީ މިމެނިފެސްޓޯގައި ބަޔާންކުރާ އަސާސްތަކުގެ މައްޗަށެވެ.

އިސްލާމްދީން

އިސްލާމީ އިޤްތިޞާދު – އިސްލާމީ ތަޢުލީމް – ޤުރުއާނުގެ ޢިލްމު – ޢަރަބި ބަހުގެ ފަންނު – ދީނީ އިރުޝާދު – ތަރާވީހަށް ހާފިޒުން

ރަށުގެ އިޤުތިޞާދީ ހަރަކާތްތައް އިސްލާމީ އަޚުލާޤާ އެއްގޮތަށް ބައްޓަންކުރެވިގެން ދާނެއެވެ

އިސްލާމީ ތަޢުލީމު ފޯރުކޮށްދީ ހެޔޮ ނަޞޭޙަތްދީ ރިވެތި އަޚުލާޤު ޢާންމުކުރުމަށް ކައުންސިލުތަކުން މަސައްކަތްކުރާނެއެވެ

ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމާއި، ކީރިތި ޤުރުއާނަށް ލޯބިކުރާ ޖީލެއް ބިނާކުރުމަށް ކައުންސިލުން އިސްނަގައިގެން މަސައްކަތްކުރާނެއެވެ

ޢަރަބި ބަހުގެ ތަޢުލީމު އިތުރަށް ފުޅާކުރުމަށް ކައުންސިލުގެ ދާއިރާގެ ތެރޭގައި ކުރެވޭނެ ކަންކަން ކައުންސިލުތަކުން ދެނެގަނެ އެކަންކަން ކުރާނެއެވެ

އިސްލާމީ ހެޔޮ ނަޞޭޙަތްތަކާއި ދީނީ އިރުޝާދުތައް ޢާންމު ތަންތަނުން ފެންނާނެ ގޮތަށް ޝާއިޢުކޮށް ބެހެއްޓޭނެއެވެ

ހާފިޒެއް ރަށުގައި ނެތްނަމަ، ރަށުން ބޭރުން ނުވަތަ ރާއްޖެއިން ބޭރުން ހާފިޒުން ގެނެސް ތަރާވީހު ނަމާދުކުރުމުގެ އިންތިޒާމު ހަމަޖެއްސޭނެއެވެ

މިނިވަން ޤައުމު

ދިވެހިވަންތަކަމަށް އިޙްތިރާމްކުރާ – ދިވެހީންގެ ވަޞީލަތްތައް ދިވެހީންނަށް – މުސްތަޤިއްލު މިނިވަން ރާއްޖެ – ރައްކާތެރި ކަންޑުތައް

މިއީ މަގޭ ރާއްޖެ މެނިފެސްޓޯގެ ބިންގަލަކީ ޤައުމުގެ މިނިވަންކަމެވެ. ކާބަފައިން ލެއާއި ދާ އޮހޮރުވައިގެން މިޖީލަށް މިނިވަންކަންމަތީ މިޤައުމު ގެނެސްދެއްވާފައިވަނީ އެމިނިވަންކަމާއެކު އަންނާން އޮތް ޖީލުތަކަށް މިޤައުމު ރައްދުކޮށްދިނުމުގެ އަމާނާތް މިޖީލާ މަތިކުރަމުންނެވެ. ރަށާއި އަތޮޅާއި ސިޓީތަކުގެ ކައުންސިލުތައް ވެގެންދާނީ މިއަމާނާތް ދިފާޢުކުރުމުގައި ތެދުވެރިކަމާއެކު މަސައްކަތްކުރާ ކައުންސިލުތަކަކަށެވެ

އަންހެނުންނަށް ރައްކާތެރިކަމާއެކު ރަށުގައި ދިރިއުޅެ، މުނިއަވަސްފިލުވައި ކަސްރަތުކުރެވޭނެ ޚާއްޞަ އިންތިޒާމުތައް ޤާއިމުކުރާނެއެވެ

ކުޑަކުދިންނަށް އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް ކުޑަކުދިންނަށް ކުރިމަތިވާ ގޯނާއާއި އަނިޔާތައް ދެނެގަނެ އެކަންކަން ޙައްލުކުރުމަށް އިސްނަގައިގެން މަސައްކަތްކުރާނެއެވެ

އިސްރަށްވެހިގެން އަގުވަޒަންކުރުމާއެކު، އެފަދަ ފަރާތްތަކަށް އަޅައިލާ އެފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ދެނެގަނެ ކައުންސިލުތަކުން ފޯރުކޮށްދޭނެއެވެ

ޒުވާނުންގެ ހުސްވަގުތު ހެޔޮ ގޮތުގައި ބޭނުންކޮށް، އިތުރު ހުނަރާއި މަސައްކަތް ދަސްކުރެވޭނެ އިންތިޒާމުތަކާއެކު އަޚުލާޤީ އިންތަކުގެ ތެރޭގައި މުނިފޫހިފިލުވުމުގެ ކަންކަން އިންތިޒާމުކުރެވޭނެއެވެ

ކުށުގެ މާހައުލުން ކުށްކުރާ ފަރާތްތައް ނެރުމަށް ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ކުރެވެން ހުރި މަސައްކަތްތައް ކުރަމުންދާނެއެވެ

ރައްޔިތުންގެ ފުރާނައާއި މުދަލާއި ގެދޮރުގެ ކަރާމާތް ހިމާޔަތްކުރުމަށްޓަކައި ރަށު ފެންވަރުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގުރާމުތައް ކުރިއަށް ގެންދާނެއެވެ

ފުދުންތެރި ރައްޔިތް

އިޤްތިޞާދީ ޚިދުމަތް – ފަންނީ އެހީ – ވިލުންތެރި ރަށް – ރައްޔިތު ބަޖެޓް – އާމްދަނީ މުޖުތަމަޢަށް – ރައްޔިތު ކޯޕަރޭޓް

މިއީ މަގޭ ރާއްޖެ މެނިފެސްޓޯ ތަންފީޒުކުރުމުގެ ބޭނުމަކީ އިސްލާމްކަންމަތީ މިނިވަން ޤައުމެއްގެ ގޮތުގައި ދިވެހި ޤައުމު އޮތުމެވެ. އެކަމަށް ދިވެހިންނަކީ ފުދުންތެރި ރައްޔިތަކަށްވުން ލާޒިމެވެ. ވަޅުޖެހި ނޭވާ ހޮޅިއަށް އެޅިފައިވާ ދިވެހި އިޤުތިޞާދު ސަލާމަތްކޮށް ދިރުމުގެ އުންމީދު ގެނެސްދިނުމަކީ މިއީ މަގޭ ރާއްޖެ ތަޞައްވުރުގެ އަސާސީ އެއް ބޭނުމެވެ

ރަށުގެ އިޤުތިޞާދީ މަސައްކަތަށް ބަލައިގެން ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ޚިދުމަތްތައް ދެނެގަނެ އެޚިދުމަތްތައް ފޯރުކޮށްދޭނެއެވެ

މަސްވެރިކަމާއި، ދަނޑުވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށް ރަށު ކައުންސިލުން އެޞިނާޢަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ

ރަށްރަށުގެ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ރައްޔިތުން ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް މަސައްކަތްކުރާނެއެވެ

އަހަރީ ބަޖެޓު ސަރުކާރަށް ހުށަހެޅުމުގެ ކުރިން ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުންނަށް އެންމެ ބޮޑުވެފައިވާ ކަންކަން ބަޖެޓުގައި ހިމަނައި ސަރުކާރަށް ފޮނުވުމާއެކު، ރައްޔިތުންގެ މާލިއްޔާ ތަނަވަސްކުރުމަށް ކައުންސިލުތަކުން ކުރެވޭނެ ވިޔަފާރިތައް ދެނެގަނެ ހިންގާނެއެވެ

ރަށުގެ ޢުމްރާނީ ތަރައްޤީއަށް ޚަރަދުކުރާ ފައިސާ ރަށުގެ އިމުގައި ހިފަހެއްޓުމަށް އެމަސައްކަތް ރަށުން ކުރެވޭނެ އިންތިޒާމު ހަމަޖައްސާނެއެވެ

ރައްޔިތުންގެ ކޯޕަރޭޓުތައް އުފައްދައި، ރަށު މަސައްކަތްތެރިންގެ އުފެއްދުންތައް ބާޒާރުކޮށް އާމްދަނީ ހޯދުމުގެ ފުރުޞަތުތައް ފަހިކުރުމަށް މަސައްކަތްކުރެވޭނެއެވެ

އަމާން ދިރިއުޅުން

އަންހެނުންނަށް އޯގާތެރި – ކުޑަކުދިންނަށް ރައްކާތެރި – އިސްރަށްވެހިންގެ އަގުވަޒަންކުރާ – ޒުވާނުނަނަށް ފަހި – ރައްކާތެރި ރަށް

މިއީ މަގޭ ރާއްޖެ ތަޞައްވުރުގެ އެންމެ މުހިއްމު އެއް އަމާޒަކީ ދިވެހިންގެ ސާދާ އަމާން ޞުލްޙަވެރި ދިރިއުޅުން ބީވިޔަނުދީ ހިމާޔަތްކުރުމެވެ. ދިވެހިން އެކުލެވި ލާމެހިގެން ދިރިއުޅޭ ދިރިއުޅުން ދަމަހައްޓައި ދިވެހިންގެ ރަށްތަކާއި އަތޮޅާއި ސިޓީތަކަކީ ރައްކާތެރި ތަންތަން ކަމުގައި ހަދާ އިސްރަށްވެހިންނަށް އަޅައިލާ ކުޑަކުދިންނަށް ރައްކާތެރި އަންހެނުންނަށް އޯގާތެރި މުޖުތަމަޢުތަކެއް ކަމުގައި ދިވެހި މުޖުތަމަޢުތައް ހެދުމަކީ މިތަޞައްވުރުގެ މަންޒިލް މަޤުޞޫދެވެ

އަންހެނުންނަށް ރައްކާތެރިކަމާއެކު ރަށުގައި ދިރިއުޅެ، މުނިއަވަސްފިލުވައި ކަސްރަތުކުރެވޭނެ ޚާއްޞަ އިންތިޒާމުތައް ޤާއިމުކުރާނެއެވެ

ކުޑަކުދިންނަށް އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް ކުޑަކުދިންނަށް ކުރިމަތިވާ ގޯނާއާއި އަނިޔާތައް ދެނެގަނެ އެކަންކަން ޙައްލުކުރުމަށް އިސްނަގައިގެން މަސައްކަތްކުރާނެއެވެ

އިސްރަށްވެހިގެން އަގުވަޒަންކުރުމާއެކު، އެފަދަ ފަރާތްތަކަށް އަޅައިލާ އެފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ދެނެގަނެ ކައުންސިލުތަކުން ފޯރުކޮށްދޭނެއެވެ

ޒުވާނުންގެ ހުސްވަގުތު ހެޔޮ ގޮތުގައި ބޭނުންކޮށް، އިތުރު ހުނަރާއި މަސައްކަތް ދަސްކުރެވޭނެ އިންތިޒާމުތަކާއެކު އަޚުލާޤީ އިންތަކުގެ ތެރޭގައި މުނިފޫހިފިލުވުމުގެ ކަންކަން އިންތިޒާމުކުރެވޭނެއެވެ

މަގުތަކުގެ އަމާންކަން ޔަޤީންކުރުމަށް ކައުންސިލުތަކަށް ލިބޭ ބަޖެޓާއި ރައްޔިތުންގެ މާލިއްޔާއަށް އިތުރުވާ އާމްދަނީގެ ތެރެއިން އިންތިޒާމުތައް ހަމަޖެއްސޭނެއެވެ

ކުށުގެ މާހައުލުން ކުށްކުރާ ފަރާތްތައް ނެރުމަށް ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ކުރެވެން ހުރި މަސައްކަތްތައް ކުރަމުންދާނެއެވެ

ރައްޔިތުންގެ ފުރާނައާއި މުދަލާއި ގެދޮރުގެ ކަރާމާތް ހިމާޔަތްކުރުމަށްޓަކައި ރަށު ފެންވަރުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގުރާމުތައް ކުރިއަށް ގެންދާނެއެވެ

ތަހުޒީބު ކައުންސިލްތައް

ދުއްތުރާނުކުރާނެ – ހާމަކަން ބޮޑުވާނެ – ލަފާހޯދާނެ – ޒަމާނީޓެކްނޮލޮޖީއަށް ފަހިވާނެ – އައު ޚިޔާލަށް ޖާގަދޭނެ – ތަފާތުނުކުރާނެ

މިއީ މަގޭ ރާއްޖެ މެނިފެސްޓޯއާއެކު ނުކުންނަ ކެޑިޑޭޓުން އިންތިޚާބުވެގެން އެކުލަވައިލާ ކައުންސިލުތައްވާނީ ތަހުޒީބު ކައުންސިލުތަކެއް ކަމުގައެވެ. ހިންގުމުގައި އެންމެ ރަނގަޅު އުޞޫލުތަކާއި މިންގަނޑުތަކަށް ތަބާވާ ކައުންސިލުތަކެއް ކަމުގައެވެ. ރައްޔިތުން ހަވާލުކުރާ އަމާނާތް އަދާކުރުމުގައި އިޚުލާޞްތެރި ވަފާތެރި ކައުންސިލުތަކެއް ކަމުގައެވެ

ރަށާއި އަތޮޅާއި ސިޓީގެ ތަރައްޤީއާއި ކުރިއެރުމަށް ސަރުކާރުން ހިންގާ މަޝްރޫޢުތަކަށް ހުރަސްއަޅައި ދުއްތުރާކޮށް ދަތިކުރުމަކީ މިތަހުޒީބު ކައުންސިލުތަކުން ކުރާނެ ކަމެއް ނޫނެވެ

ކައުންސިލުން ނިންމާންޖެހޭ މުހިއްމު ނިންމުންތައް ދެފުށް ފެންނަ ގޮތަށް، ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނެ އުޞޫލަކުން ކުރިއަށް ގެންދާނެއެވެ

ރަށާއި އަތޮޅާއި ސިޓީގެ ތަރައްޤީގެ ކަންކަމުގައި ރައްޔިތުންގެ ބައިވެރިވުން އިހުނަށްވުރެ އިތުރުކޮށް ރައްޔިތުންގެ މަޝްވަރާ ހޯދުމަށް އިންތިޒާމުތަކެއް ތަރުތީބުކުރާނެއެވެ

އިދާރީ ހިންގުން ހަރުދަނާކުރުމަށް އެންމެ ޒަމާނީ އުޞޫލުތައް ބޭނުންކޮށް ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ހަލުއިކޮށް ފޯރުކޮށްދިނުމަށް އިސްކަންދޭނެއެވެ

ކައުންސިލުތަކުގައި ހުރި ކުރީގެ ޤަވާޢިދުތައް މުރާޖަޢާކޮށް ޒަމާނަށް ފެތޭ ޤަވާޢިދުތައް ފަރުމާކޮށް ރައްޔިތުންނަށް ކުރިމަތިވާ ދަތިތައް ނައްތައިލެވޭނެއެވެ

ޕާޓީއާއި ސިޔާސީ ފިކުރަށް ބަލައިގެން ރައްޔިތުންގެ ތަފާތުކުރުމުގެ ވިސްނުން އެކަހެރިކޮށް ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ޚިދުމަތް ފޯރުކޮށްދޭނެއެވެ